ނޫނު ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅޭ

2022-03-16

އަތޮޅު ރަށްޔިތުންގެ އެތަކެއް ހައްގެއް ނިގުޅައިގަނެވޭ ބީދައުކުން މިއަތޮޅު ފަޅުރަށެއް ކަމަށްވާ ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށްޓަކާ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ އިން ކުރަމުންދާ މަސައްކަތަކީ މި ކައުންސިލުން އެހާމެ ކަންބޮޑުވާ އަދި  މިކައުންސިލުން އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމަކަށް ނުވާތީ، މިކައުންސިލުން މިދަނީ ރަށްޔިތުންގެ ހައްގުގައި އެކަން ހުއްޓުވުމަށް ކުރެވެން އޮތް އެންމެހާ ކަމެއްކުރަމުންނެވެ.

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ނޫނު އަތޮޅު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން މި ރަށް ކުއްޔަށް ދޫކުރުން ހުއްޓުވުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށާއި، ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ. މި ކައުންސިލުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ އިން ކުރަމުންދާ މަސައްކަތަކީ ލާމަރުކަޒީ ގާނޫނުގެ 8 ވަނަ މާއްދާއާއި ހިލާފަށް ކުރަމުންދާ މަސައްކަތެއްކަމުން، އެކަން ހުއްޓުވައިދެއްވުމަށް އެދިއެވެ.

އަދި މި ކައުންސިލުން ވަނީ ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ ދައުވާއާއި މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން، ތޮޅެންދޫ ކުއްޔަށް ދޫކުރުމުގެ މަސައްކަތް މެދުކަނޑާލުމަށް ދައުވާލިބޭ ފަރާތަށާއި ދައުލަތުގެ އެންމެހާ އިދާރާތުގެ މައްޗަށް އަންގާ ވަގުތީ އަމުރެއް ނެރެދެއްވުމަށް އެދިފައެވެ.

 މި ދައުވާގެ ދަށުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގެ ދަށުން، އިއްޔެ ސިވިލް ކޯޓުން ވަނީ މި ކައުންސިލުން އެދިފައިވާ ގޮތަށް، ފިޝަރީސް މިނިސްޓްރީ ހިމެނޭ ގޮތުން ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަންގާ އަމުރުކޮށްފައެވެ.